Monday, April 6, 2015

ޤުރުއާނާއި ސައިންސް


ނަސީބުގެ ނާރު

ބިންމާ އިބްރާހިމް ވަހީދު


ދެ ހާހުގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ފެތުމަކީ އަހަރެންގެ ހޮބީއެވެ. އުންމީދަކީ، އެ ރޮނގުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމެވެ. ޕައިލެޓަކަށް ވުމަކީ އަހަރެންގެ ހުވަފެނެކެވެ. އެ ޔުނީފޯމު ލައިގެން، ފުރޮޅުލީ ފޮށި ހިފައިގެން ހިނގާލާފައި ދާން އަހަރެން ވަރަށް ބޭނުންވިއެވެ. އެއް ޤައުމުން އަނެއް ޤައުމަށް އުދުހެން ބޭނުންވިއެވެ. ދުނިޔެ ބަލައިލަން ވަރަށް ޝައުޤުވެރި ވިއެވެ.
ފުރާވަރުގެ އަންހެންކުއްޖަކީމެވެ. އިސްކޫލަށް ދިޔައީ ކިޔަވާށެވެ. އޮވެވެނީ މޭޒުގައި ބޯއަޅައިގެން ނިދާށެވެ. ގިނައިން ފެތުމުގެ ސަބަބުން އަހަންނަށް ލިބިފައިވަނީ ރީތި ހަށިގަނޑެކެވެ. އެކަމަކު، އަހަރެންގެ ދުލުން ބޭރުވަނީ އެ ރީތި ސިފަޔާ ނުގުޅޭ ކަހަލަ ހުތުރު ލަފުޒުތަކެކެވެ. ރާގު ވެސް އެހާމެ ހަރުކަށްޓެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އެ ގޮތް ރީތީ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ބަޔަކު އަހަންނަށް ދަސްކޮށްދިން ގޮތެކެވެ.

ރަން ވަނަތަކުގެ ފަހަތުގައި ތަފާތު ތަޖުރިބާތަކެއް

 

 

ކާމިޔާބީ އަކީ މަސައްކަތްތެރީންގެ ހައްގެކެވެ؛ މިއީ އެ ކުދިންގެ މޮޓޯ އެވެ. މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ އެވެ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ގިނަ ދަރިވަރުންތަކެއް ރަން ވަނަތަކެއް ހާސިލްކޮށްފައިވާއިރު، އެ ހުރިހާ ކުދިން ވެސް މިކަމަށް އެއްބަސްވާނެ އެވެ. އޭލެވެލްގެ ގަދަ ދިހައެއްގައި 175 ދަރިވަރުން ހިމެނުނު އިރު އޭގެ ތެރޭން 23 ދަރިވަރުން ވަނީ އެއްވަނަ ހާސިލްކޮށްފަ އެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު ރެކޯޑް އަދަދެކެވެ.
އޭގެ އިތުރުން އެކައުންޓުން 100 ޕަސެންޓް މާކްސް ހޯދައިގެން 11 ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނައިގައި ވެސް ހިމެނިފަ އެވެ. މިއީ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ އެވެ. މިއިން ކޮންމެ ދަރިވަރެއްގެ ވާހަކައިން ވެސް އިބުރަތް ހާސިލް ކުރަން ޖެހެ އެވެ.
"މާލޭގައި ކިޔެވީ ދަތިހާލުން، ބޭނުމަކީ ރަށުގައި ތިބި މަންމަމެން އުފާކޮށްދިނުން"
ތ. ކިނބިދު އަށް އުފަން ހަދީޖާ ސަމާ، ކިޔެވުމަށް މާލެ ބަދަލުވީ އަހުމަދިއްޔާ ސްކޫލުގެ ގްރޭޑް ނުވައަކަށެވެ. ރަށުގައި އެހެން ސްޓްރީމެއް ކިޔަވާފައި އައިސް އަހުމަދިއްޔާ ސްކޫލުން ރަނގަޅު ނަތީޖާއެއް ހޯދުން ވެގެން ދިޔައީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. ކޮމާސް ފަދަ ބައެއް މާއްދާތައް ސަމާއަށް ޖެހުނީ އަހަރު މެދުތެރޭން އަނެއްކާވެސް އަލުން ކިޔަވާށެވެ. އެހެންވެ، އޯލެވެލް އިމްތިހާނުން ދަށްވެ، ގަދަ ދިހައަކުން އޭނާއަށް ޖާގައެއް ނުލިބުނެވެ.
"ވަރަށް ދެރަވި ޓޮޕް ޓެންގައި ނުހިމެނުނީމަ. އެކަމަކު އެއާ އެކު އައީ ބޮޑު ހިތްވަރެއް. އެވަގުތު އަޒުމު ކަނޑައެޅީ އޭލެވެލް އިން މުޅި ރާއްޖޭން އެއްވަނަ ހޯދަން،" ސީއެޗްއެސްއީން އިމްތިހާނު ހެދި ސަމާ ކިޔައިދިނެވެ.


އޭލެވެލް އިން އެއްވަނަ ހޯދި ސަމާ: އެ ނަތީޖާ ހޯދީ ބުރަ މަސައްކަތުން ކަމަށް އޭނާ ބުނި

އެކަމަކު އެކަން ހާސިލް ކުރަން އޭނާއަށް ކުރިމަތިވި ގޮންޖެހުންތައް ގިނަ އެވެ. އެންމެ ބޮޑު ކަމަކަށް ކުރިމަތިވީ މާލޭގައި އުޅެން ޖެހޭ ދަތިހާލެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައި ހަތް މީހުންނާއެކު ދިރިއުޅެމުން އެ ފަދަ ނަތީޖާއެއް ހޯދުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންވެ، އޭނާ ގޭގައި ފިލާވަޅު ދަސް ކުރަމުން އައީ އެންމެން ނިދީމައި، ދަންވަރުގެ ވަގުތުގަ އެވެ. ގޭތެރޭގައި މީހުން ގިނަވެ، އަޑު ގަދަވުމުގެ ސަބަބުން ދުވާލު ގަޑީގައި އޭނާއަށް އެކަން ނުކުރެވެނީ އެވެ.

"ކިތަންމެ ކުޑަ ތަނެއްގައި އުޅެން ޖެހުނަސް ބޮޑުދައިތަގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަން ފާހަގަކުރަން. ގިނަ ރޭރޭ ނިދަނީ ދަންވަރު ދޭއް ނުވަތަ ތިނެއް ޖެހީމައި. ދެން އަނެއް ދުވަހު ހެނދުނު ހަތެއް ޖަހާއިރު ހޭލައިގެން ސްކޫލަށް ދަނީ،" ބޮޑުދައިތައެއްގެ ގާތުގައި ދިރިއުޅެމުން އަންނަ ސަމާ ބުންޏެވެ.
ރޭގަނޑު ހަމަ ނިދި ނުލިބުމުގެ ސަބަބުން ކްލާހުގައި، ފިލާވަޅަށް ސަމާލުކަން ދީގެން އިންނަން އޭނާއަށް ބައެއް ފަހަރު އުނދަގޫވެ އެވެ. އެކަމަކު ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭނާއަކަށް އެނޫން ގޮތެއް ނެތެވެ.
ސަމާ ބުނީ، ކްލާސް ނިންމުމަށް ފަހު ޓީޗަރާ ބައްދަލުކޮށް އިތުރަށް އޮޅުން ފިލުވާ ހަދާ ކަމަށެވެ. ދެން ގެއަށް އައިސް އޭނާ ނިދާލަނީ އެވެ. މެންދުރު ފަހު ޓިއުޝަނަށް ދަނީ އެއަށް ފަހު އެވެ. އޭނާ މެންދުރު ފަހުގެ ގިނަ ވަގުތުތައް ހޭދަ ކުރަނީ އެހެން ދައްތައެއްގެ ގޭގައި ޓިއުޝަން ނެގުމުގަ އެވެ. އަދި ރޭގަނޑުގެ އިރާކޮޅުގެ ވަގުތުގައި ވެސް އޭނާ ކުޑަ ވަގުތުކޮޅަކަށް ނިދާލާ ކަމަށް ސަމާ ބުންޏެވެ.
"ވަރަށް އުނދަގޫ ބައެއް ފަހަރު. އެކަމަކު އެނގޭ މި ފަދަ ނަތީޖާއެއް ހޯދައިފިއްޔާ މަންމަމެން އުފާވާނެ ވަރު،" އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް، އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން މިހާރު ޖާގަ ލިބިފައިވާ ދަރިވަރު ބުންޏެވެ.

ކުރިމަގުގައި އަންހެން އިންޖިނިއަރެއް

އައްޑޫ ހައި ސްކޫލުން މިދިޔަ އަހަރު އޭލެވެލް އިމްތިހާނު ފުރިހަމަ ކުރި ފާތުމަތު ސަނާ ހަލީމް އަބަދުވެސް ހިސާބާއި ފިޒިކްސްއަށް މޮޅެވެ. އޭނާ އެންމެ ކިޔަވާ ހިތްވަނީ ވެސް އެ ދެ މާއްދާ އެވެ. އެހެންވެ، އޭލެވެލްގެ އެއްވަނަ ނަތީޖާއާ އެކު އޭނާ ބޭނުންވަނީ އިންޖިނިއަރަކަށް ވާށެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް ޓޮރޮންޓޯއިން މިހާރު އޭނާއަށް ވަނީ ޖާގަ ލިބިފަ އެވެ.
މި ހުވަފެނާ ހަމައަށް ވާސިލްވުމަށް ސަނާ ވެސް ގިނަ ގޮންޖެހުންތަކެއް ގިރާ ކުރި އެވެ. އެކަމަކު ފެށުނީއްސުރެ ތޫނުފިލި މި ދަރިވަރަށް އެއީ މާބޮޑު ކަމަކަށް ނުވި އެވެ.
"ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސަށް ގަބޫލު ކުރަންވީ އެއީ ވާނެ ކަމެއްކަން. ދެން ނަމާދާއި ދުއާކޮށް، އެކަމަށް މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ވާނެ،" އާއިލާގައި އިންޖިނިއަރުން ތިބި ސަނާ ބުންޏެވެ.


ނައިބު ރައީސް ޑރ. ޖަމީލުގެ އަތްޕުޅުން ސަނާ އިނާމު ހޯދަނީ: އޭނާ ބޭނުންވަނީ އިންޖިނިއަރަކަށް ވާން

އޯލެވެލް އިމްތިހާނުގައި ވެސް އޭނާ އެއްވަނަ ހޯދި އެވެ. އެހެންވެ، އޭލެވެލްގައި ވެސް އެ ނަތީޖާ ދިފާއު ކުރުމަށް ތިން މަސް ކުރިން ސަނާ މަސައްކަތް ފެށި އެވެ. އޭނާގެ އަމާޒަކަށްވީ އޭލެވެލް އިން އެއްވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހޯދުމެވެ.

ރަނގަޅު ނަތީޖާއެއް ހޯދުމަށް ސަނާ އެންމެ ބޮޑު އިސްކަމެއް ދިނީ ކްލާހުގައި ޓީޗަރުން ދޭ ފިލާވަޅުތަކަށް ސަމާލުކަން ދިނުމަށެވެ. އަދި ގޭގައި ޕާސްޓް ޕޭޕަރުތައް ހަދައިގެން، ރޭގަނޑާއި ދުވާލު އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު ވެސް ދިވެއްސާއި އިސްލާމްވީ އޭނާއަށް ވަރަށް އުނދަގޫ ދެ މާއްދާ އަށެވެ.
"އަސްލު އެ ދެ މާއްދާގެ ކޮންޓެންޓް އުނދަގުލީ ހަމަ. އެހެންވެ، އެއިން އޭ ފާސް ހޯދަން ވަރަށް މަސައްކަތް ކުރަން ޖެހުނު. އެކަމުގައި ސްކޫލުގެ ޓީޗަރުންގެ ވެސް ބޮޑު އެހީތެރިކަމެއް ލިބުނު،" ސަނާ ބުންޏެވެ.

"ރަނގަޅު ނަތީޖާ ހޯދުމަށް ކުރިއްސުރެ ތައްޔާރުވާން ޖެހޭ"

އިމްތިހާނު ކައިރިވާ ވަގުތު ދަސްކޮށްލާ އެއްޗަކުން، ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމަކަށް، ސީއެޗްއެސްސީން މިދިޔަ އަހަރު އޭލެވެލް ފުރިހަމަ ކުރި ފާތުމަތު ނިސްމާ ނައީމް ގަބޫލެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި ކިޔަވާ ކުދިން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތް ކުރަން ޖެހެ އެވެ. ހާއްސަކޮށް އޭލެވެލް ކަހަލަ ބޮޑު އިމްތިހާނެއްގަ އެވެ.
"އޯލެވެލް އާއި އޭލެވެލް ވެސް ވަރަށް ތަފާތު ވާނެ. އޯލެވެލް އިމްތިހާނަށް ރެޑީވާ ގޮތަކަށް ނޫން އޭލެވެލްއަށް ތައްޔާރުވާން ޖެހޭނީ،" ސ. ހިތަދުއަށް އުފަން ދަރިވަރު ބުންޏެވެ.


ނައިބު ރައީސް ޑރ. ޖަމީލުގެ އަތްޕުޅުން ނިސްމާ އިނާމު ހޯދަނީ: ޑޮކްޓަރުކަން ކިޔެވުމަށް އިނގިރޭސިވިލާތަށް ފުރުމަށް އޭނާ އަންނަނީ ތައްޔާރުވަމުން.

ނިސްމާ ބުނިގޮތުގައި އޭލެވެލް އިމްތިހާނުން އޭނާ އެއްވަނަ ހޯދީ، އެންމެ ފުރަތަމަ ދުވަހު އެކަމަށް މަސައްކަތް ފަށައިގެންނެވެ. އެގޮތުން ކްލާހުގައި ދޭ ފިލާވަޅުތައް އަޑުއެހުމަށް ފަހު، ގެއަށް އައިސް އޭނާ ފަރިތަކުރެ އެވެ. އަދި ޕާސްޓް ޕޭޕަރުތައް ކިޔައި، އިންޓަނެޓުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނަން އޮތް ވާހަކައަކީ ރަނގަޅު ވަނައެއް ބޭނުމިއްޔާ، ކުރިއްސުރެ އެކަމަށް ތައްޔާރުވާން ޖެހެއޭ،" ނިސްމާ ބުންޏެވެ.
އޭނާގެ ހުވަފެނަކީ މޮޅު ޑޮކްޓަރަކަށް ވުމެވެ. ކުރިއްސުރެ ހިތުއަޅައިގެން ހުރި އެ މަސައްކަތާ މެދު ނިސްމާއަށް ޔަގީންކަން އުފެދުނީ އޯލެވެލް ނިންމުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށުމުންނެވެ. މިހާރު އޭނާ ނިންމައިގެން ހުރީ ޑޮކްޓަރުކަން ކިޔެވުމަށް އަންނަ އޮކްޓޫބަރު މަހު އިނގިރޭސިވިލާތަށް ފުރުމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތު ނުލިބުން"

ހެނދުނު ފެށެނީ ސްކޫލުގެ ކިޔެވުމައިގެންނެވެ. ދެން އޮންނަނީ އެކްސްޓްރާ ކްލާސްތަކެވެ. ދެން ސްކޫލުގެ އިތުރު ހަރަކާތްތަކެވެ. ދެން ޓިއުޝަން ނަގާ ވަގުތެވެ. އެކަމަކު މި ހުރިހާ ކަމަކަށް ވުރެ، ގޭގައި މޭޒު ދޮށުގައި އިނދެގެން ކިޔަވާލަން ވަގުތުކޮޅެއް ލިބުން މުހިއްމު ކަމަށް ޖޫޒާން ހަލީލް ދެކެ އެވެ.
"އަސްލު ރަނގަޅު ރިޒަލްޓެއް ބޭނުމިއްޔާ އަމިއްލަ ވަގުތު ވެސް ބޭނުންވޭ. ސްކޫލުގެ މާހައުލުން ނުވަތަ ޓިއުޝަނުން ދަސްވާ އެއްޗަކަށް ވުރެ، އަމިއްލައަށް ވިސްނުމުން އެ މާ އަވަހަށް ދަސްވޭ،" އެކައުންޓުން 100 ޕަސެންޓް މާކްސް ހޯދައިގެން، ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދަރިވަރު ބުންޏެވެ.


ދުނިޔޭގެ އެއްވަނައިގައި ހިމެނުމުން ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ނިސްމާ މިދިޔަ ނޮވެމްބަރު މަހު މެޑަލް ހޯދަނީ: އޭލެވެލް އަށް ފަހު ބޭނުންވަނީ އިކޮނޮމިސްޓަކަށް ވާން

އަމިއްލައަށް ކިޔެވުމަށް ވަގުތު ހޯދައި، އެ ވަގުތުތައް މެނޭޖްކުރުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޖޫޒާން ބުންޏެވެ. ޓިއުޝަން ނަގަން އޭނާ ބޭނުން ނުވާ ސަބަބަކީ ވެސް އަމިއްލައަށް ކިޔެވުމަށް ވަގުތު ހޯދުމެވެ. ފޮތްތައް ހުޅުވައިގެން، އެކަނި އިނދެ ވިސްނަން ވަގުތު ބޭނުންވުމެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔެވި ދަރިވަރު ބުނިގޮތުގައި އެކައުންޓުން 100 ޕަސެންޓް މާކްސް ލިބޭނެ ކަމަކަށް އޭނާ އެއްވެސް ވަރަކަށް ހިޔެއް ނުކުރެ އެވެ. އެކަމަކު ގްރޭޑް 11ގައި ވެސް އެކައުންޓުން އެއްވަނަ ލިބުމުން، ޖެހިގެން އައި އަހަރު އެ ނަތީޖާ ދަމަހައްޓަން ޖޫޒާން ބޭނުންވި އެވެ. އޭނާ ވަނީ އިކޮނޮމިކްސް އިން ވެސް ރާއްޖޭގެ އެއްވަނަ ހޯދާފަ އެވެ.
"މިހާރު ދެން ބޭނުންވަނީ އިކޮނޮމިސްޓަކަށް ވާން. ނޫނީ އެކައުންޓިން ދާއިރާއިން ކިޔަވަން،" ޖޫޒާން ބުންޏެވެ.

 

Friday, April 3, 2015

ކިޔވައިދިނުމުގެ ހުނަރު

ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ 5 ހުނަރެއް





ރައިވަރު



ގަށަމަހުތުވެ ދާ ރުނު 
ތަށަހިފެބަލާމިހިދުނުނު  
ނަށަރަދުންވެތިހުރެކުލުނު
މަށަޅެމުން ތައްސަނާބުނު
ޅަށަފިކުރުވާ މިސާލުންއަ 
ދަށަމިފެށޭ ފުސުލުންއަ  


ބައޮގުރަފީ



ފަނޑުވުމެއްނުވާ ދަރިއެއް.
ށ.މާކަނޑޫދޫ ކިނާރާގެއަށް އުފަންވެފައިވާ އަހުމަދު ފިރާޤަކީ ހަސަން އަބުދުލް ކަރީމަށާ ޖަމީލާއަށް ލިބިފައިވާ ފަސްބޭފުޅުންގެ ތެރެއިން ތިންވަނަ ބޭފުޅާއެވެ. އެބޭފުޅާ އަކީ ފާހަގަކޮއްލެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެމުންދާ ވަރަށް ކުޅަދާނަ ދިވެހި ދަރިއެކެވެ. ދިވެހި ގައުމަށްޓަކާ އަގުހުރި ޤުރުބާނީތަކެއް ވަމުންދާ ބޭފުޅެއްވެސްމެއެވެ.
އިންސާނާ ދިރިހުރުމައްޓަކައި ފެން ބޭނުންވާފަދައިން ތަޢުލީމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކިލައްވާ އަހުމަދު ފިރާޤް ތަޢުލީމް ހާޞިލްކުރި ދުވަސްވަރަކީ ފައިސާގެ ދައްޗާއި ކެއިންބުއިމުގެ ދަތިކަން ވަރަށް ބޮޑަށްޖެހުނު ޒަމާނެއްކަމަކު އެބޭފުޅާގެ ބުރަ މަސައްކަތުންވަނީ މާކަނޑޫދޫ ސުކޫލުގައި ގުރޭޑް 3 އާއި ހަމައަށް ތަޢުލީމް ހާސިލްކޮށްފައެވެ. ދުވަސްތައް މާޒީއާއެކު ފާއިތުވަމުންގޮސް އެއްދުވަހަކު ރޭޑިޔޯއިން ޤުރުއާން ހިތުދަސްކުރި މީހެއް ޤްރުއާން ކިޔަވާ އަޑުއިވުމާއެކު ޤްރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އެބޭފުޅާގެ ހިތުގައި އުފެދިގެންދިޔައެވެ. ﷲގެ ހެޔޮރަހުމަތްފުޅުން ހަމަ އެދުވަސްވަރު ށ.މަރޮށި ހުސެން އަބުދުﷲ ކިޔާ ބޭފުޅަކު ޤުރުއާން ރީތިކޮށް ކިޔަވާ ދަރިވަރުންތަކެއް ތަމްރީން ކުރުމަށް ގައުމުން ބޭރަށް ފޮނުވުމަށްޓަކައި ކުދިން ހޮވުމަށް ށ.މާކަނޑޫދޫއަށް ޒިޔާރަތްކުރިއެވެ. ހަމަ އެފަހަރު ޤްރުއާން ކިޔެވުން ޓެސްޓު ކުރުމުގެ ތެރެއިން އަހުމަދު ފިރާޤް ހޮވިގެންދިއުމަކީ އެބޭފުޅާ ނުހަނު އުފާވި ކަމަކަށްވިއެވެ.
ނަމަވެސް އެބޭފުޅާގެ މައިންބަފައިންނަކީ އެހާ ތަނަވަސް ބަޔަކަށްނުވާތީއާއި، ބޭރަށް ފޮނުވައިފިނަމަ ކަމެއް ވެދާނެކަމުގެ ބިރަށްޓަކައި އެބޭފުޅާ ފޮނުވާކަށް ހިތް ހަމަ ޖެހިވަޑައެއް ނުގަތެވެ. ނަމަވެސް އެބޭފުޅާ ދާން ވަރަށް ބޮޑަށް ބޭނުން ފުޅުވާތީ އެބޭފުޅާ ފޮނުވާލަން އެއްބަސްވިއެވެ.