Friday, April 3, 2015

ބައޮގުރަފީ



ފަނޑުވުމެއްނުވާ ދަރިއެއް.
ށ.މާކަނޑޫދޫ ކިނާރާގެއަށް އުފަންވެފައިވާ އަހުމަދު ފިރާޤަކީ ހަސަން އަބުދުލް ކަރީމަށާ ޖަމީލާއަށް ލިބިފައިވާ ފަސްބޭފުޅުންގެ ތެރެއިން ތިންވަނަ ބޭފުޅާއެވެ. އެބޭފުޅާ އަކީ ފާހަގަކޮއްލެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެމުންދާ ވަރަށް ކުޅަދާނަ ދިވެހި ދަރިއެކެވެ. ދިވެހި ގައުމަށްޓަކާ އަގުހުރި ޤުރުބާނީތަކެއް ވަމުންދާ ބޭފުޅެއްވެސްމެއެވެ.
އިންސާނާ ދިރިހުރުމައްޓަކައި ފެން ބޭނުންވާފަދައިން ތަޢުލީމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކިލައްވާ އަހުމަދު ފިރާޤް ތަޢުލީމް ހާޞިލްކުރި ދުވަސްވަރަކީ ފައިސާގެ ދައްޗާއި ކެއިންބުއިމުގެ ދަތިކަން ވަރަށް ބޮޑަށްޖެހުނު ޒަމާނެއްކަމަކު އެބޭފުޅާގެ ބުރަ މަސައްކަތުންވަނީ މާކަނޑޫދޫ ސުކޫލުގައި ގުރޭޑް 3 އާއި ހަމައަށް ތަޢުލީމް ހާސިލްކޮށްފައެވެ. ދުވަސްތައް މާޒީއާއެކު ފާއިތުވަމުންގޮސް އެއްދުވަހަކު ރޭޑިޔޯއިން ޤުރުއާން ހިތުދަސްކުރި މީހެއް ޤްރުއާން ކިޔަވާ އަޑުއިވުމާއެކު ޤްރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އެބޭފުޅާގެ ހިތުގައި އުފެދިގެންދިޔައެވެ. ﷲގެ ހެޔޮރަހުމަތްފުޅުން ހަމަ އެދުވަސްވަރު ށ.މަރޮށި ހުސެން އަބުދުﷲ ކިޔާ ބޭފުޅަކު ޤުރުއާން ރީތިކޮށް ކިޔަވާ ދަރިވަރުންތަކެއް ތަމްރީން ކުރުމަށް ގައުމުން ބޭރަށް ފޮނުވުމަށްޓަކައި ކުދިން ހޮވުމަށް ށ.މާކަނޑޫދޫއަށް ޒިޔާރަތްކުރިއެވެ. ހަމަ އެފަހަރު ޤްރުއާން ކިޔެވުން ޓެސްޓު ކުރުމުގެ ތެރެއިން އަހުމަދު ފިރާޤް ހޮވިގެންދިއުމަކީ އެބޭފުޅާ ނުހަނު އުފާވި ކަމަކަށްވިއެވެ.
ނަމަވެސް އެބޭފުޅާގެ މައިންބަފައިންނަކީ އެހާ ތަނަވަސް ބަޔަކަށްނުވާތީއާއި، ބޭރަށް ފޮނުވައިފިނަމަ ކަމެއް ވެދާނެކަމުގެ ބިރަށްޓަކައި އެބޭފުޅާ ފޮނުވާކަށް ހިތް ހަމަ ޖެހިވަޑައެއް ނުގަތެވެ. ނަމަވެސް އެބޭފުޅާ ދާން ވަރަށް ބޮޑަށް ބޭނުން ފުޅުވާތީ އެބޭފުޅާ ފޮނުވާލަން އެއްބަސްވިއެވެ.
ލޮލުން އެތަކެއް ކަރުނަތަކެއް އޮހުރުނުކަމުގައިވިޔަސް ހިތުގައި ހުރި ވަރުގަދަ އަޒުމާއެކު އަހުމަދު ފިރާޤް  ޕާކިސްތާނަށްދިޔައީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. އެއީ ޕާކިސްތާނަށް އައި ފުރަތަމަ ފަހަރެވެ. މުޅިން އާމާހައުލެކެވެ. އާތަނެކެވެ. ރާއްޖެއާއި ވަރަށް ތަފާތެވެ. އެބޭފުޅާގެ ޖޯޝުން ފުރިފައިވާ ހިތަކާއެކު ސުކޫލަށްދިޔައެވެ. އެތަނުގެ ކުދިން ދައްކާ ވާހަކައެއް އެބޭފުޅާއަކަށް ފަހުމެއް ނުވެއެވެ. މުޅިން އައު ބަހުރުވައެކެވެ. ހަމައެހެންމެ ފުރަތަމަ ދުވަސްކޮޅު އެތަނުގެ ކެއުން، ބުއިމުގެ ކަންތައްތަކަކީ  އެބޭފުޅާ މާ ގަޔާވި ކަންތައްތަކަކަށް ނުވިއެވެ. އެހެންކަމުން ބައެއް ދުވަހު އެކަމާހުރެ ހުސްބަނޑާ ހުންނަންޖެހޭ ފަހަރުވެސް އާދެއެވެ. އަދި ބައެއް ދުވަސްދުވަހުގައި ކުލާހުގައި ފެންނަ މަންޒަރުތަކުން ލޮލުން ކަރުނަ ހިލޭވަރުވެއެވެ. މިސާލަކަށް ބުނަނީނަމަ މުދައްރިސް ބުނާގޮތަށް އަމަލުނުކޮށްފިނަމަ ކުލާހުގެ ދަރިވަރުންގެ ހަށިގަނޑުގައި ތަޅައި  އަނިޔާކުރެއެވެ. އަދި ފިލާވަޅު ދަސް ނުކުރާނަމަ ތެޅުމަކީ އާއްމު ކަމެކެވެ. އެއީ ދުވަހަކުވެސް ރާއްޖޭގެ ކުލާހެއްގެ ތެރެއިން އެބޭފުޅާއަށް ފެނުނު މަންޒަރުތަކެއް ނޫނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހުމަދު ފިރާޤްގެ ތައުލީމަށް ދެންއައީ ހީނުކުރާފަދަ ބޮޑު އިންގިލާބެކެވެ. ތެދެކެވެ. ވިސާ ނެތުމުގެ ސަބަބުން ހުރިހާ ދިވެހިން ޕާކިސްތާނުން ބޭރުކޮށްލިއެވެ. އެހެންނަމަވެސް ހިތުގައިވާ އަޒުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ކުރިއަށްވުރުވެސް ބޮޑަށް ކިޔެވުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެހެންކަމުން އަނެކާއަށްވެސް ދެވަނަފަހަރަށް ވިސާ ހައްދައިގެން ޕާކިސްތާނަށް ދިޔައެވެ. ކަން ދިމާކުރި ގޮތުން ދިވެހި ދަރިވަރުންގެ މެދުގައި ބޭއްވި ޤުރުއާން މުބާރާތުން، މުޅިމުބާރާތުން 1 ވަނަ ހާސިލްވުމަކީ އެބޭފުޅާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދެކުނެވެ.
ޒަމާންތައް ފާއިތުވަމުންގޮސް ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ލިބެމުންދާ އަލްޤާރީ އަލްހާފިޒް އަޙުމަދު ފިރާޤް ރާއްޖޭގެ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން އެއްމެ ފުރަތަމަ ބޭއްވި ޤުރުއާން މުދައްރިސް ޑިޕްލޮމާ ކޯހުގައި ބައިވެރިވެ، ރަނގަޅު ނަތީޖާ އަކުން ފާސްވެ ކިޔަވައި ދިނުމުގެ ޒަމާނީ ތަމްރީންތައް ލިބި 2006 ވަނަ އަހަރު މިލަންދޫ ސްކޫލާއި ގުޅުނެވެ.  ށ.މިލަންދޫ ސްކޫލް ޤުރުއާން މުދައްރިސެއްގެ މަޤާމްގައި ވަޒީފާ އަދާކުރަމުންދާ ކޮންމެ އަހަރަކީ ވަރަށް ގިނަ ދަރިވަރުން ޤްރުއާން ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ދަސްކޮށް ، އަތޮޅު ޤުރުއާން މުބާރާތްތަކާއި ޤައުމީ މުބާރާތުގައި ދަރިވަރުންތަކެއް ތަމްސީލްވެ، އަތޮޅަށާއި، ރަށަށާއި ސްކޫލަށް ރީތި ނަމާއި ވަރަށް ރަނގަޅު ނަތީޖާ ތަކެއް ހޯދައި ދީފައިވާ ބޭފުޅެކެވެ. މިގޮތުން އެބޭފުޅާގެ ބުރަ މަސައްކަތުން ށ. މިލަންދުވަކީ ށ. އަތޮޅުގައި އަދި ރާއްޖެ ތެރެއަށް ބެލި ކަމުގައި ވިޔަސް ރީތި ކޮން ތަޖުވީދު މަގުން ޤުރުޢާން ކިޔަވާ ގިނަ ދަރިވަރުން ތަކެއް ތަމްރީންވެ އަދި އެރޮގުން ކުރިއަށް ދިއުމަށް ކުދިންގެ ހިތްތަކުގައި ޝައުޤު ވެރިކަން އުފައްދާދީފައިވާ ބޭފުޅެކެވެ.
އިންސާނާ ދިރިއުޅެމުން ދާއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަމީ އެއްވެސް ޝައްކުހުރިކަމެއްނޫނެވެ. އެގޮތުން މިވަޒީފާގައި އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރިވަރުންގެ އަޚުލާޤީ މައްސަލަތަކާއި، އަޤީދާ ބަލިކަށިވުމާއި ކުދިންނަށް އަންނަ ހަލަބޮލިކަމެވެ.
ސިކުނޑިއަކީ އިންސާނާގެ ހަށިގަނޑުގައި ފިޠުރަތުން ލައްވާފައިވާ އެންމެ ބާރުގަދަ އަދި އެންމެ އާރުލާ ގުނަވަނަކަށް ވީފަދައިން އެބޭފުޅާގެ ކޮންމެ ފިކުރަކާއި އަމަލެއް ފަހަރެއްގައިވެސް ނުގުޑާނޭފަދަ ހަރުދަނާ މަރުކަޒެއްގައި ސާބިތުކޮށް ހުރުމަށްފަހު ވަޒީފާގެ އިތުރަށް ގިނަ މަސައްކަތްތަކެއް ދަސްކޮށް އަމަލީ މައިދާނުގައި މަސައްކަތް ކުރަން ފައްޓަވާފައިވެއެވެ. އަމިއްލަ ގޭގައި ހުރިހާ އުމުރުފުރައިގެ ބޭފުޅުންނަށް އަމާޒުކޮށް "އަފާފު" ޤުރުއާން ކުލާހުގެ ނަމުގައި ކުލާހެއް ފެއްޓުމާއި، ރަށުތަރައްޤީއަށް ކުރިއަށްދާ "މިޑްސް ޖަމިއްޔާ"ގެ ރައީސްކަމުގެ ޒިންމާނެންގެވުން ފާހަގަކޮށްލެވެއެވެ.
އަހުމަދު ފިރާޤަކީ ޓޭބަލް ޓެނިސް، ފުޓުބޯޅަ، ކުރިކެޓް ފަދަ ކުޅިވަރުތަކަށް ލޯބިކުރާ ބޭފުޅަކަށް ވީނަމަވެސް އެބޭފުޅާ މިއަދު ކުރަމުންދާ އެންމެ ފޮނި އުއްމީދަކީ އަތޮޅު ޤުރުއާން މުބާރާތަށް ހޮވޭ ހުރިހާ ދަރިވަރުން ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތަށް ހޮވި އެމުބާރާތުން ރަށަށް ރަންވަނަތަކެއް ގެނެސްދޭ ކުދިންތަކެއް ފެންނާނޭ ދުވަހަކަށެވެ.
މުދައްރިސެއްގެ ހައިސިއްޔަތުން އަޙުމަދު ފިރާޤް ދަރިވަރުންނަށްދޭން ބޭނުންވާ ނަސޭހަތަކީ ކޮންމެ ކުއްޖަކީވެސް މަރުވާނެ ކުއްޖެއްކަމާއި އަލުން ދިރުއްވާނޭކަން ޤަބޫލުކޮށް ލިބިފައިވާ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި އަމަލުތައް އިސްލާހް ކުރުމަކީ މުހިއްމުކަމެއްކަމާއި، ތިމާ ދުނިޔެއަށްއައީ އަމިއްލައަށް ނޫންކަން ޤަބޫލުކުރުމާއެކު ހެޔޮޢަމަލު ކޮށްގެންނޫނީ އާޚިރަތް ބާއްޖަވެރި ނުވާނޭކަމާއި، ދުނިޔެއަކީ ވަގުތީތަނެއްކަމަށް ޤަބޫލުކުރުމެވެ. އަދި އަޅުގަނޑުމެން އުނގެނެންޖެހެނީ ހަމައެކަނި ހުޅަނގުގެ ތަޢުލީމެއް ނޫންކަމާއި އިންސާނަކަށްވީތީ އެންމެފުރަތަމަ ޤުރުއާން އިލްމު އުގެނި، ޤްރުއާން ކިޔަވައި ހެޔޮޢަމަލު ކުރަންޖެހޭނެ ކަމެވެ.
އަނތްބަކާއި ދެކުދިންނާއެކު އުފާވެރި ޙަޔާތެއް ވޭތުކުރަމުންދާ މިކުޑަކުޑަ އާއިލާއަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރުކުރައްވައި އަދި ތެދުވެރިކަމާއި ހިތްވަރާއި އަޒުމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރުކުރައްވާށިއެވެ.
- 12ގެ އަންހެން ދަރިވަރުން -

No comments:

Post a Comment